ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫތަކެއް ހިންގުމަށް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އިއްޔެ ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ 22 މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކުގައި ހަދާ ނުވަ ފަންގިފިލާގެ އޮފީސް ކޮމްޕްލެކްސްގެ އިތުރުން، އަށް ރަށެއްގެ މަގުތައް ހެދުމާއި ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ހަ ރަށެއްގެ ބަނދަރު ހަދައި ތަރައްގީކުރުމާއި ދެ ރަށެއްގެ ބީޗު ތަރައްގީކުރުން ހިމެނެއެވެ. ނަމަވެސް އެ މަޝްރޫތައް ހިންގަން ހަވާލުކުރި އަގާއި ނިންމުމައް ހަމަޖެހިފައިވާ ތާރީހު ހާމަކޮށްފައެއް ނުވެއެވެ.

މަޝްރޫއުތައް ކުރިއަށްދާނެ ރަށްތަކާއި ދާއިރާތައް:

މަގުހެދުމުގެ މަޝްރޫއުތައް:
އދ. ހަންޏާމީދޫ، ބ. ކަމަދޫ ، އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ، ތ. ވަންދޫ

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް:
އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، އަދި ނ. މިލަދޫ.

ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް:
ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، އަދި ނ. ހޮޅުމީދޫ.

މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ތަރައްގީކުރުން:
ހދ. ވައިކަރަދޫ (ސްލިޕްވޭ އަދި ބީޗް) އަދި ރ. ފައިނު (ބީޗް)

އިމާރާތްކުރުމުގެ މަޝްރޫއު:
ޏ. ފުވައްމުލަކު (9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސް)

މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވާފައެވެ.