އުރީދޫ "ފަން ރަން"ގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތުގެ ޝޯއެއް ބާއްވަން ނިންމައިފި އެވެ.

އަންނަ މަހު 10ގައި "ފަން ރަން" ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަބީޖީތުގެ ހުށަހެޅުން އޮންނާނީ އެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި 8:00 އިން ފެށިގެން 11:59އަށް އޮންނަ ހާއްސަ މިއުޒިކް ޝޯގެ ތެރެއިންނެވެ.

އުރީދޫން ހާމަކޮށްފައިވާ ގޮތުގައި އެ ޝޯއަށް އަބީޖީތް ގެނެވުމަކީ "ފަން ރަން"ގެ އުފާފާޅުކުރުންތަކަށް ލިބުނު ވަރަށް ފޯރިގަދަ ކުރިއެރުމެއް ކަމަށެވެ. އަދި ލައިވް މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށްދާ އެ ޝޯވެގެންދާނީ އުފާވެރިކަމުން ފުރިގެންވާ އަދި ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ކަމަށް އުރީދޫން ބުނެއެވެ.

އާންމުންގެ ތެރޭގައި އަބީޖީތު މަޝްހޫރުވީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމާއެކުއެވެ. އެއަށްފަހު އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ "އާޕްކާ އަބިޖީތު ސާވަންތު" ވެގެންދިޔައީ އިންޑިއާގެ އިތުރުން ރާއްޖޭގައިވެސް ބޮޑު ތަރުހީބެއް ލިބުނު ލަވަތަކެއްވި އަލްބަމްއަކަށެވެ. އެ އަލްބަމްގައި ހިމެނުން "މޮހައްބަތޭން ލުޓާއުންގާ" ލަވައަކީ އެ އަލްބަމް ނެރުނު ދުވަސްވަރު ބޮޑު ހިޓަކަށްވި ލަވައަަކަށެވެ.

އަބީޖީތްގެ މިޔުޒިކީ ކެރިއަރުގައި ހޯދި ފާހަގަކޮށްލެވޭ އިތުރު ކާމިޔާބީ ތަކުގެ ތެރޭގައި އޭޝިއަން އައިޑަލް އިން ތިންވަނަ، "ޖޯ ޖީތާ ވޯހީ ސުޕަސްޓާ"ގެ ދެވަނަ ހޯދުން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު 2024 ވަނަ އަހަރު، "ބިގް ބޮސް" މަރާޓީ ސީޒަން ފަހެއްގެ ދެވަނަ ލިބުމަކީ އަބީޖީތްގެ މަޝްހޫރުކަން އިތުރުވެގެންދިޔަ ކަމެކެވެ.

އުރީދޫން ބުނީ "ފަން ރަން"ގެ ޖޯޝާއި އިންޑިއާގެ މިއުޒިކީ ޖާދޫ އެއްތަންވެ، މުނިފޫހިފިލުވުމުގެ މި ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށެވެ.

އުރީދޫ "ފަން ރަން" އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް "ފަން ރަން" އެވެ. ކޮންމެ އަހަރަކުވެސް އުރީދޫ އިން އިންތިޒާމުކުރާ މި ފަސް ކިލޯމީޓަރުގެ ދުވުމުގައި މިހާރު ކުލަ ޖެހުމާއި، ފޯމް ޕާޓީ އަދި ތަފާތު އޮބްސްޓަކަލްތައް ހިމެނެއެވެ.