ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް ޑިސެމްބަރު 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ޑިސެމްބަރު 3ގައި ބޭއްވުމަށް ރަސްމާލެއާ ދެކޮޅު ގައުމީ ހަރަކާތުން ނިންމައިފިއެވެ.
ރަސްމާލެއާ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ ގައުމި ހަރަކާތުން ޑިސެމްބަރު 4، ގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ޑިސެމްބަރު 3، ގެ ރޭގަނޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެންނަން ޖެހުނީ ޑިސެމްބަރު 4، ގައި އާޓިފިޝަލް ބީޗުގައި މިއުޒިކް ޝޯއެއް ބާއްވާތީ ކަމަށެވެ.
އޭގެ އިތުރުން އިމްރާން ވަނީ އެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ނިންމުމުން އެކަމަށް މަރުހަބާ ކިޔާ އަދި އެ އެއްވުމުގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.
"މި މަސައްކަތަކީ ގައުމީ މަސައްކަތެއް، މި މަސައްކަތަކީ ފަރުދީ ޒިންމާއެއް، އެހެންވީމާ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގައުމުދެކެ ލޯބިވާ ހުރިހާ ބޭފުޅުން ވެސް މި ގައުމުގެ މުސްތަގުބަލަށް އެދިގެން އެ ހަރަކާތުގައި ބައިވެރިވެ ބޮޑު ދުވަހެއްކަމުގައި އެ ދުވަސް ހައްދަވައިދެއްވާ،' އިމްރާން ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހު މާލޭގައި އެއްވުމެއް ބާއްވަން ނިންމާފައި ވީނަމަވެސް، އެ އެއްވުން ބާއްވާ ތަނަކާއި ވަގުތެއް އަދި ހާމައެއް ނުކުރެއެވެ.