ފީފާގެ އިންތިހާބުގައި އެ ޖަމިއްޔާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދުކުރަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ކޮންމެބޯލް) އިން ނިންމައިފި އެވެ.

އިންފަންޓީނޯއަށް ތާއީދުކޮށް، ފުޓްބޯޅަ ތަރައްގީކުރުމަށް އިންފަންޓީނޯ ކުރައްވާފައިވާ ހިދުމަތްތަކާއި އޭނާގެ ލީޑާޝިޕަށް ކޮންމެބޯލް އިން ވަނީ ވަރަށް ބޮޑު ތައުރީފުކޮށްފަ އެވެ.

ނިމިގެން ދިޔަ ވޯލްޑްކަޕާއި ގުޅިގެން އިންފަންޓީނޯ އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވުމާއިއެކު، އިންފަންޓީނޯއަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް ކުޅިވަރު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކޭގޮތުގައި ކޮންމެބޯލްގެ މި ނިންމުމާއެކު އަންނަ މާރޗް މަހުގައި ބޭއްވުމަށް ނިންމާފައިވާ އެ އިންތިހާބު އިންފަންޓީނޯ ފަސޭހަކަމާ އެކު ކާމިޔާބުކުރައްވާނެ އެވެ. ކޮންމެބޯލްގެ އިތުރުން އެފްރިކާ އާއި އޭޝިއާގެ ގިނަ ގައުމުތަކުން ވެސް ވަނީ އޭނާ އަށް ތާއީދުކުރަން ނިންމައިފަ އެވެ.

މޮރޮކޯގެ ވެރިރަށް ރަބާތުގައި އޮންނަ ފީފާ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް ފީފާގެ މެންބަރު 211 އެސޯސިއޭޝަނުގެ ތެރެއިން މަދުވެގެން 106 ވޯޓު ކެންޑިޑޭޓަކަށް ބޭނުންވާނެ އެވެ.

ފީފާގެ ރައީސްގެ މަގާމާ 2016 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިންފަންޓީނޯ ޖެހިގެން އައި ދެ އިންތިހާބު ކާމިޔާބުކުރެއްވީ ވާދަވެރިއެއް ނެތި އެވެ. އެކަމަކު މި ފަހަރު އޭނާއާ ދެކޮޅަށް ފްރާންސް ފުޓްބޯޅައިގެ ރައީސް ފިލިޕް ޑިއާލޯ ނިކުތުމަށްވަނީ ނިންމާފައެވެ.