ބޮޑެތި ޑިސްކައުންޓްތަކާއި އިނާމްތައް ލިބޭ "އެސްޓީއޯ ރަމަޒާން ބާޒާރު 2027" ފަށައިފި އެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާއިރު، އެ ކުންފުނިން ބުނީ ރަމަޒާން ބާޒާރު އަންނަ އަހަރުގެ މާޗް 10 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމްއެވެ.

އެސްޓީއޯއިން ބުނީ ބޮޑު އިނާމުގެ ގޮތުގައި 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭ މި ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކޮށްފައިވާ ގިނަ އުފެއްދުންތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭނެ ކަމަށެވެ. ކޮންމެ ދެ ހަފްތާއަކުން، 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2،500ރ. ގެ ގިފްޓް ވައުޗަރެއް ދޫކުރާއިރު، 5،000ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ "ހަދިޔާ ގުޅި"އަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބެއެވެ.

އޭގެ އިތުރުން އެސްޓީއޯ ޕީޕަލް ޗޮއިސްގައި ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓެއް ވެސް އާއްމުންނަށް ހުޅުވާލައިފަ އެވެ. ކޮފީ ބީންސް އެންޑް ޓީލީވްސްގެ ފުރަތަމަ އައުޓްލެޓް ހުޅުވީ ހުޅުމާލޭގައެވެ.

އާންމުގެ ބޮޑު ތަރުހީބެއް ލިބޭ އެސްޓީއޯ ރަމަޒާން ބާޒާރު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށް ގެންދާއިރު، ގޭތެރެއަށް ބޭނުންވަ މުހިންމު ސާމާނުތައް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.