ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނެއް ނުދެއްކުމުން ލ. ކުޑަފަރެސް ވިއްކާލަން އެ ބޭންކުން މިއަދު އިއުލާނުކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ މަހު ވަނީ ބީއެމްއެލް އިން ނެގި ލޯނަށް ރަހުނުކޮށްފައިވާ ތިން ރަށް ކަމަށްވާ ކުޑަފަރެސްގެ އިތުރުން ފަރެސް އަދި ބޮޑުހުރާ ވިއްކާލަން ހުއްދަ ދީފައެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. ބޮޑުހުރާ ދޫކޮށްފައިވަނީ ދަނޑުވެރި ކަމަށެވެ.
ލޯނުގެ ރަހުނު ގޮތުގައިވާ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ތިން މަސް ތެރޭގައި، ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފަ އެވެ. ކޯޓުން އެ އަމުރު ނެރުނުއިރު ރަށްތައް ވިއްކާލުމަށާއި އެ އަށް ބީއެމްއެލްއިން އެދުނު އަގަށް ހެވީ ލޯޑް ކުންފުނިން އެއްބަސްވެފައިވެ އެވެ.
ކުޑަފަރެސް ވިއްކާނެ އެންމެ ކުޑަ އަގަރީ 45.6 މިލިއަން ޑޮލަރުކަމަށް ބީއެމްއެލް މިއަދު ކުރި އިއުލާނުގައިވެއެވެ. އަދި އެ ރަށް ގަންނަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމުގެ ފެށޭ އަގަކީ 46 މިލިއަން ޑޮލަރެވެ. އަދި ފުރަތަމަ މަހުގެ ތެރޭ ނުވިކިއްޖެ ނަމަ ދެން ފެށޭ އަގަކީ 40 މިލިއަން ޑޮލަރެވެ. ތިން މަސްތެރެއަށް ބަލާއިރު ވިއްކުމުގެ ފެށޭ އަގަކީ 38 މިލިއަން ޑޮލަރެވެ.
މޫސަ އާއި އޭނާގެ ކުދިންގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏަށް ބީއެމްއެެލްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން މީގެ ކުރިން ހުއްދަ ދިން ނަމަވެސް، އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ.
ރަށުގެ މެދުގައި ލޮނުފެނުގެ ސާފު ކުޅިއެއް އޮންނަ، ހާއްސަ ރީތި ސިފަތަކެއް ހުރި ކުޑަފަރެހުގައި ލޭކް-ވިއު ވިލާތަކާއި ބީޗް-ވިއު ވިލާތަކާއި ރެސްޓޯރެންޓަކާއި ދެ ބާ ހިމެނެ އެވެ.