އިދިކޮޅުން ހުސަހެޅި އެއްވެސް އިސްލާހެއް ބަލައިނުގަނެ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީއިން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓައި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.

ބަޖެޓް ދިރާސާކޮޮށް، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް 23 އިސްލާހެއް އެމްޑީޕީގެ މެންބަރުން ފޮނުވިއެވެ. އެ އިސްލާހުތަކުގެ ތެރެއިން މަޖިލީހުގެ ގަވައިދަށް ފެތޭ ކަމަށް ރިޔާސަތުން ކަނޑައެޅީ ހަތް އިސްލާހެވެ. ނަމަވެސް އެ ހަތް އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެއްވެސް އިސްލާހެއް ފާހެއް ނުވެއެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަންވަނީ ނިންމާފައެވެ. އޭގެ ތެރެއިން ރިކަރެންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ކަނޑައަޅަފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫތަކަށް 9.2 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، ޑެފިސިޓުގެ ގޮތުގައި 9.4 ބިލިއަން، އަދި ޖީޑީޕީގެ ގޮތުގައި 129.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން ދަރަނީގެ ގޮތުގައި 161.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސްއިން ހުށަހެޅިއިރު، އެއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.