ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި ރޭ ސަރުކާރުން ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓަކީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ. އެގޮތުން ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އާއި އިގުތިސާދީ މައި މަރުކަޒެއް ގާއިމް ކުރުމަށް މިދިޔަ ދިގު މުއްދަތުގައި ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބޭ ބާރެއް ކަމަށެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޮއިކުރެއްވިއިރު، އެސްޓީއޯއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއު ވެގެންދާނީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް އެކުލެވޭ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.
"މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ، ވަރުގަދަ ވެގެންދާނެ އެވެ،" އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެކަން ހަގީގަތަކަށް ނުވާކަން ފާހަގަކޮށް އެ މިނިސްޓްރީން ވަނީ މިއަދު ސޮއިކުރި އެއްބަސްވުމަކީ މި ތަސައްވުރު ޢަމަލީގޮތުން ޙަގީގީތަކަށް ހެދުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، އެ މޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އަދި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި މަޝްރޫއުއެކެވެ. "ވިޝަން 2040" ދުރު ރާސްތާގެ އިގުތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް އަޅާ މުހިންމު ބިންގަލެއް ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ވާގޮތުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަގުތުން ފެށޭނެ ކަމަށާއި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަޙަތު އެންމެ ފުރިހަމައަށް ޙިމާޔަތް ކުރުން ކަމަށެވެ. އަދި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި މަންފާ ލިބޭނެހެން މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ.
މި މަޝްރޫއަށް ހަރަދާއި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ގޮތުގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް، އެ މިނިސްޓްރީން ބުނީ ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެއްކަމަށެވެ.