ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްޑީއެފްސީ ގަތުމަށްފަހު، އެ ކުންފުނި 'އެސްއެމްއީ ޑިޖިޓަލް' ގެ ނަމަށް ރީބްރޭންޑްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފި އެވެ.
ރީބްރޭންޑްކުރިތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ތައާރަފުކުރި މި ހިދުމަތްތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ފަރުމާކޮށްފައިވާ ލުއި ފަސޭހަ ނިޒާމެކެވެ.
ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވާއިރު، ގޭގައި ކުރާ ކުދި މަސައްކަތްތަކާއި، ގެސްޓްހައުސްތަކާއި، އަންހެން ވިޔަފާރިވެރިންގެ މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ. ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަގުތުގައި މާލީ އެހީތެރިކަން ނުލިބުންކަމަށާއި މި ހުސްކަން ފޫބެއްދުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އިން މިހާރު ވަނީ ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް އެހީތެރިވެދޭނެ ފުރިހަމަ ނިޒާމެއް ބިނާކޮށްފައިކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި އަންހެން ވިޔަފާރިވެރިންނަށް މި ނިޒާމުގެ ދަށުން ބޮޑެތި ލުއިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، އަލަށް ފަށާ ކުދި މަސައްކަތްތަކަށް 100،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށްޓަކައި އެއްވެސް ރަހުނަކާ ނުލައި 250،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.