ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ މާލީ އެހީތެރިކަން ދޫކޮށްފި އެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފުކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކޮށްފައިވާ މާލީ އެހީތެރިކަމެކެވެ. މި ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށައިގަތުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ. މި ސްކީމުގެ ތެރެއިން އެހީތެރިކަން ދެނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މީގެއިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، މި ސްކީމުން ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންޓަރޝިޕާއި ވިޔަފާރި ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުން މިއަހަރުގެ ނޮވެމްބަރު މަހު ހުޅުވާލާނެ އެވެ.