ނިމިދިޔަ 2025 ވަނަ އަހަރު "ރާއްޖެ ޓްރާންސްޕޯޓް ލިންކު" (އާރުޓީއެލް) ގެ ގައުމީ ދަތުރުފަތުރުގެ ނިޒާމު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 16.25 މިލިއަން ފަސިންޖަރުން އުފުލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އާންމުކުރި އަހަރީ ރިޕޯޓުން ދައްކާގޮތުގައި މިއީ 2022 ވަނަ އަހަރު އުފުލި 12.13 މިލިއަން ފަސިންޖަރުންނާ އަޅާބަލާއިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި 34 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ރިޕޯޓުގައިވާގޮތުން އުފުލި ފަސިންޖަރުންގެ އަދަދު އިތުރުވުމާއެކު، މާލީގޮތުންވެސް ބޮޑު ފައިދާއެއް ލިބިފައިވެ އެވެ.
މީގެ އިތުރުން، މުޅި ނެޓްވޯކުގެ އެންމެ ބާރުބޮޑު ބައި ކަމަށްވާ މާލެ ސަރަހައްދުގެ އާރުޓީއެލް ބަހުގެ ހިދުމަތް މެދުވެރިކޮށް އަހަރުގެ ތެރޭގައި 8.27 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވެ އެވެ. އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސުއުދީ ވިދާޅުވީ، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދަތުރުފަތުރުގެ ހިދުމަތަށް ބޭނުންޖެހިފައިވާ ރަށްތަކަށް ރައްކާތެރި، އިތުބާރުހުރި އަދި އަގުހެޔޮ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.