ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާއެކު، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 10.4 އިންސައްތަ މައްޗަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ރިޕޯޓު" ގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 24.5 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އާމްދަނީގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު ޓީޖީއެސްޓީ އާމްދަނީ އިތުރުވުމެވެ. އެގޮތުން، މި މަހުގެ 13 އާ ހަމައަށް ޓީޖީއެސްޓީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.5 އިންސައްތައިގެ އިތުރުވުމެކެވެ.

މި މުއްދަތުގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް (ޖީއެސްޓީ) ގެ އާމްދަނީ ވަނީ 7.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ޖީއެސްޓީ އާމްދަނީ 9.9 ބިލިއަން ރުފިޔާއިން 10.7 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވެ އެވެ. އޭގެ ތެރެއިން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) ގެ އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.