ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެން އެ ގައުމުގެ މުހިންމު އީސްޓް-ވެސްޓް ތެޔޮ ހޮޅީގެ މަސައްކަތް ހުއްޓުމަކަށް އައުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންގާރަ ދުވަހު ދެ އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 2.37 އިންސައްތަ (2.5 ޑޮލަރު) މައްޗަށް ގޮސް ފީފާއެއްގެ އަގު 108.18 ޑޮލަރަށް އަރާފައިވެ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު 2.43 އިންސައްތަ (2.46 ޑޮލަރު) އުފުލި، ފީފާއެއްގެ އަގު 103.85 ޑޮލަރަށް އަރާފައިވެ އެވެ.
ތެލުގެ ސަޕްލައިއާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވެގެން ދިޔައީ އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހޯމަ ދުވަހު ސައުދީ އަރަބިއްޔާއަށް އައު ހަމަލާތަކެއް ދިނުމާއި، އަދި ގަލްފުގެ އަރަބި ގައުމުތަކުން އީރާނާއެކު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ފަސްކުރުމާ ގުޅިގެންނެވެ. ހޫތީން ބުނެފައިވާ ގޮތުގައި އެ ފަރާތްތަކުން ސައުދީގެ ދެކުނުގައިވާ ޚަމީސް މުޝައިތުގައި ހުންނަ އަސްކަރީ ވައިގެ މަރުކަޒަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައިވެ އެވެ.
މީގެ ކުރިން ހުކުރު ދުވަހު ސައުދީގެ އީސްޓް-ވެސްޓް ހޮޅިއަށް ދިން ހަމަލާގެ ސަބަބުން އެ ހޮޅިން ތެޔޮ ފޮނުވުން ވަނީ މެދުކެނޑިފަ އެވެ. މި ހޮޅިއަކީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ސްޓްރެއިޓް އޮފް ހޯމޫޒް ބަންދުވެއްޖެ ހާލަތެއްގައި ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މުހިންމު މަގެކެވެ. ވިޔަފާރިވެރިން ހާމަކުރާ ގޮތުގައި މި ހޮޅީގެ މަސައްކަތް އަވަހަށް ނުފެށިއްޖެނަމަ، ސައުދީއިން އެކްސްޕޯޓް ކުރާނެ ތެޔޮ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުސްވެދާނެ އެވެ.