ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ދުވާލަކު 3 ފްލައިޓަށް އިތުރުކުރުމަށް ނިންމައިފި އެވެ.
މިހާރު އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަނީ ހަފުތާއަކު 12 ދަތުރެވެ. އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިތުރުކުރާ ފްލައިޓާއެކު އެ އެއާލައިން އިން ހަފްތާއަކު 21 ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.
ޤަތަރު އެއާލައިނުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަކީ ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އެ އެއާލައިންގެ ދަތުރުތައް ފުޅާކުރުމަށް ރާވާފައިވާ ޕްލޭންގެ ދަށުން ގެނައި ބަދަލެކެވެ. މި ބަދަލުގެ ދަށުން ފްލައިޓްތައް ދެން އިތުރުކުރަނީ ލަންޑަން އަދި ޕުކެޓަށެވެ. މި ޕްލޭންގެ ދަށުން ދުނިޔޭގެ 170 ގައުމަކަށް އެ އެއާލައިނުން ދަތުރުތައް ބާއްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ކުރެވުނު މަސައްކަތްތަކުން އަހަރުގެ ފަހު ކުއާޓަރަށް އުންމީދީ ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ. އަދި ގަތަރު އެއާވޭސްގެ އިތުރުން، ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް ބައިނަލްއަގުވާމީ އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނުވަތަ އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.