ސައުތުއީސްޓް އޭޝިއާގެ އެންމެ ބޮޑު ލޯ-ކޮސްޓް އެއާލައިން ކަމަށްވާ އެއާ އޭޝިއާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ގުޅިގެން، އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގެ މާކެޓް ހިއްސާ ނެގިދާނެތޯ ބެލުމަށް މެލޭޝިޔާ ސަރުކާރުން މެލޭޝިޔާ އެއާލައިންސް އަދި ބަޓިކް އެއާއާ އެކު މަޝްވަރާތަކެއް ފަށައިފި އެވެ.
މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުން 'ރިއުޓާސް' އަށް މައުލޫމާތުދީފައިވާ ގޮތުގައި މި މަޝްވަރާތަކަކީ އެއާލައިންގެ މާލީ ހާލަތު ސަރުކާރުން މޮނިޓާ ކުރަމުންދާއިރު، ކުރިމަތިވެދާނެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކަންކަމެވެ.
އެއާ އޭޝިއާއަށް މާލީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ބޮޑުތަނުން އުފުލުމާއި ފޮރިން އެކްސްޗޭންޖް ގެއްލުންތަކުގެ ސަބަބުންނެވެ. މި އަހަރުގެ ޖޫން 30 ގެ ނިޔަލަށް އެ އެއާލައިންގެ ކަރަންޓް ލައިބިލިޓީސް 18.4 ބިލިއަން ރިންގިޓް (4.51 ބިލިއަން ޑޮލަރު) އަށް އަރާއިރު، މެލޭޝިޔާގެ އެއާޕޯޓް އޮޕަރޭޓަރު، މެލޭޝިޔާ އެއާޕޯޓްސް ހޯލްޑިންގްސް ބާހާޑް (އެމްއޭއެޗްބީ) އަށް ލޭންޑިންގ އަދި ޕާކިން ފީގެ ގޮތުގައި މަދުވެގެން 500 މިލިއަން ރިންގިޓް ދައްކަން ޖެހިފައިވެ އެވެ.