މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އުން ބުނެފި އެވެ.

ގައުމީ ބޭންކުން އާންމުކުރި މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ރާއްޖެއިން ބޭރަށް ފޮނުވި މުއާމަލާތްތަކުގެ އަދަދު 2.86 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. މިއީ 373،600 އަށް ވުރެ ގިނަ ރެމިޓެންސް އަދި ސެޓްލްމަންޓް މުއާމަލާތްތަކަށް ބަހާލެވިފައިވާ އަދަދަކަށްވާއިރު، މިއީ 2025 ގެ މި މުއްދަތުގައި ޕްރޮސެސްކުރި 2.25 ބިލިއަން ޑޮލަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން، ރެމިޓެންސް އަދި ކާޑު ސެޓްލްމަންޓްތަކުން ބޭންކަށް ލިބުނު ބޭރު ފައިސާގެ އިންފްލޯ15 އިންސައްތަ އިތުރުވެ، 2.96 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. މި އަހަރު ބީއެމްއެލްއިން އެވްރެޖްކޮށް މަހަކު 80.2 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެ އެވެ. މިއީ 2025 ގެ އެވްރެޖަށްވުރެ 31 އިންސައްތަ އިތުރު އަދަދެއްގެ އިތުރުން، 2022 ގައި ރެކޯޑުކުރެވުނު މަހަކު 32 މިލިއަން ޑޮލަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު މިންވަރެކެވެ.

2021 ވަނަ އަހަރުން ފެށިގެން ބަލާއިރު، ރާއްޖޭގެ ބޭރު ފައިސާގެ ޑިމާންޑަށް އެހީތެރިވުމަށްޓަކައި ބޭންކުން 3 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވެ އެވެ. ނިމިދިޔަ ސެޕްޓެމްބަރު މަހު 240 މިލިއަން ޑޮލަރު ބޭންކަށް ބަލައިގެންފައިވާއިރު، ބޭރުގައި ކިޔަވާ ކުދިންގެ ޚަރަދުތަކަށް އެ މަހު އެކަނިވެސް 8.2 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

30 ސެޕްޓެންބަރުގެ ނިޔަލަށް ނިމުނު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ހަމައެކަނި ތިންވަނަ ކުއާޓަރުގައި ވެސް ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 42 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 30.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 36 އިންސައްތަ އިތުރު އަދަދެކެވެ.