ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ގުރުއާން ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފޭސްބުުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން އެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މުބާރާތް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމު ކުރާ މުބާރާތެއްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މުބާރާތުގެ އިންތިޒާމުތަކުގައި ބައިވެރިވެ، ކަންކަން ފައިނަލްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ސައުދީ މިނިސްޓްރީގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގެންނެވިކަމަށެވެ.
"މި ޝަރަފުވެރި މުބާރާތް އިންތިޒާމުކޮށް ބާއްވަން ހުރިހާ ހަރަދެއް ސައުދީ އަރަބިއާގެ ސަރުކާރުން ކޮށްދޭތީ އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މި މުބާރާތް ވެގެންދާނީ ގުރުއާން ހިފްޒުކުރާ ބައިވެރިން އެއް ތަނަަަކަށް ޖަމާވެ، ދާއިރާ ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެ މުބާރާތުގެ ސަބަބުން އިސްލާމީ ތައުލީމުގެ ދާއިރާ ވަރުގަދަވެ، ސަރަހައްދީ ގުޅުން ވެސް ވަރުގަދަވާނެ ކަމަށެވެ.
ގުރުއާން ތައުލީމު ކުރިއެރުވުމާއި ހާފިޒުންގެ ޖީލެއް ބިނާކުރުމަށް ބާއްވާ އެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް އުއްމީދު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.