މީރުވެގެން ޑާކް ޗޮކްލެޓް ކާ މީހުން ވަރަށް މަދުވާނެއެވެ. ގިނަމީހުން ޑާކް ޗޮކްލެޓްކަނީ އެއިން ލިބޭ ގިނަ ސިއްހީ ފައިދާތައް ލިބިގަތުމުގެ ބޭނުމުގައެވެ. ނަމަވެސް، ކޮންމެ ކޮންމެ ޑާކް ޗޮކްލެޓަކީ ކެއުމަށް ރަނގަޅު ޗޮކްލެޓެއް ނޫނެވެ. ސަބަބަކީ ބައެއް ޑާކް ޗޮކްލެޓްތަކުގައި ހަކުރު އެކުލެވޭ މިންވަރު ގިނަވުމެވެ. އެހެންކަމުން، އެއްފަހަރާ ޑާކް ޗޮކްލެޓް ބާރއެއް އެއްކޮށް ކައި ހުސްކޮށްލުމަކީ ކެލޮރީގެ ގޮތުން ބަލާއިރު ބްރޮކޮލީ އާއި ސްޕިނަޗް (ކަންކުން) ކެއުމާ އެއްފަދަ ކަމެއް ނޫންކަން ދަންނާށެވެ.

ޗޮކްލެޓެއް ކާލުމުމުގެ ކުރިން އޭގައި ލިޔެފައިވާ "ޑާކް ޗޮކްލެޓް"އަށް އެކަނި ބަލައިފައި އެ ކާްން ނުފަށާށެވެ. އެންމެ ފުރަތަމަ ބަލަންވީ އޭގެ ބޭރު ކަރުދާސްގަނޑުން ފެންނަ އިންސައްތައަށެވެ. މިއީ ކޮކޯ ބީންސް ބޭނުންކޮށްގެން ޗޮކްލެޓް އުފައްދާފައިވާ މިންވަރާ ގުޅިފައިވާ އަދަދުތަކެކެވެ. އެހެންކަމުން، ޑާކް ޗޮކްލެޓް ބާރއެއްގައި %70 ކޮކޯ ހިމެނޭ ކަމަށް ލިޔެފައިވާނަމަ، އޭގެ މާނައަކީ އެ ޗޮކްލެޓްގެ ބާކީ %30 އަކީ ހަކުރު ފަދަ އެހެނިހެން ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ޗޮކްލެޓެކެވެ.

ޑާކް ޗޮކްލެޓްގައި %55 އިން ފެށިގެން، ރަހަ ގަދަ %85 އާ ހަމައަށް އެކި މިންވަރުގެ ޗޮކްލެޓް ހުންނަ އިރު އެއިން އަންގައިދެނީ އޭގައި ކޮކޯ އެކުލެވޭ މިންވަރެވެ. ސައްތައިން ސައްތަ (%100) ކޮކޯ އެކުލެވޭ ޑާކް ޗޮކްލެޓް ވެސް ގަންނަން ލިބެން ހުރެއެވެ. ނަމަވެސް ސަމާލުވާށެވެ. އިންސައްތަ މަތިވި ވަރަކަށް އޭގެ ރަހަ ހިތިވާނެއެވެ. ނަމަވެސް ސިއްހަތައް ލިބޭ ފައިދާ ބޮޑުވާނެއެވެ. ކޮކޯ އެކުލެވޭ މިންވަރު މަތިވި ވަރަކަށް، އޭގައި މެގްނީޒިއަމް ފަދަ އެހެނިހެން މާއްދާތައް ހިމެނޭ މިންވަރު އިތުރުވާނެއެވެ. މެގްނީޒިއަމްއަކީ މީހާގެ މޫޑު ރަނގަޅުކޮށްދޭ ކެމިކަލެއް ކަމަށްވާ ސެރޮޓޯނިން އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެއިތުރުން އޭގައި ކެފެއިން އަދި ކެފެއިންއާ އެއްގޮތް ސިފަތަކެއް އެކުލެވޭ 'ތިއޯބްރޯމިން' ކިޔާ މާއްދާއެއް ވެސް ހިމެނެއެވެ. މި ދެ މާއްދާއަކީ ވެސް މީހާ ހޭލުންތެރިކަންމަތީ (އެލާޓްކޮށް) ބެހެއްޓުމަށް އެހީތެރިވެދޭ ދެ މާއްދާއެވެ.

ކޮންމެ ދުވަހަކު އަހަރެން ކާންވީ ކިހާވަރެއްގެ ޑާކް ޗޮކްލެޓެއް ހެއްޔެވެ؟

އެމެރިކާގެ ބޮސްޓަންގެ ޕަބްލިކް ހެލްތު ޔުނިވާސިޓީއަކުން ޑިސެމްބަރު 2024 ގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި، ހަފުތާއަކު މަދުވެގެން ފަސް ފަހަރު ޑާކް ޗޮކްލެޓް ކޭ މީހުންނަށް ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު %21 ކުޑައެވެ. މި ދިރާސާގައި މި ނަތީޖާ މިލްކް ޗޮކްލެޓް ކެއުމާ ވެސް އަޅާކިޔާފައިވެއެވެ. މިލްކް ޗޮކްލެޓް ކެއުމަކީ ޓައިޕް 2 ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ދައްކާފައެއް ނުވެއެވެ. ނަމަވެސް މިލްކް ޗެކްލެޓް ކާ މީހުންގެ ބަރުދަން އިތުރުވާކަން އެ ދިރާސާއިން ވަނީ ފާހަގަ ކުރެވިފައެވެ.

އެ ޔުނިވާސިޓީގެ ޕްރޮފެސަރ ޗީ ސަން ވިދާޅުވިއެވެ: “ޑާކް ޗޮކްލެޓާއި މިލްކް ޗޮކްލެޓުގައި ކެލޮރީ އަދި ސެޗުރޭޓެޑް ފެޓް ހުންނަނީ އެއްވަރަކަށް ކަމަށް ވިޔަސް، ޑާކް ޗޮކްލެޓުގައި ގިނަ އަދަދަކަށް އެކުލެވޭ ޕޮލިފީނޯލްސްގެ ސަބަބުން، ސެޗުރޭޓެޑް ފެޓާއި ހަކުރުގެ ސަބަބުން ބަރުދަން އިތުރުވުމަށާއި ޓައިޕް 2 ހަކުރުބައްޔަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭ ކަމަށް ފެނެއެވެ. މިއީ އިތުރަށް ދިރާސާކުރަން ރަނގަޅު، ވަރަށް ޝައުގުވެރި ތަފާތެކެވެ.”

މިލްކް ޗޮކްލެޓާއި ވައިޓް ޗޮކްލެޓަށް ވުރެ ގިނައިން ޑާކް ޗޮކްލެޓުގައި ކޮކޯ އެކުލެވެއެވެ. އަދި 'ސިއްހަތަށް ފައިދާހުރި' ބަޔަކީ މިއީއެވެ. މީގެ ތެރޭގައި 'ފްލެވަނޯލްސް' ކިޔާ މާއްދާއެއް ހިމެނެއެވެ. މިއީ ގަސްގަހާގެހިން ލިބޭ، އަދި އެހެނިހެން ފައިދާތަކުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ނިއުޓްރިއެންޓެކެވެ. މިއާ އެއްގޮތް އަޑެއް ހުންނަ 'ކަކާއޯ' (cacao) ގެ ވާހަކަ ވެސް ތިޔަބޭފުޅުން އަޑުއައްސަވާފައި އޮވެދާނެއެވެ. މިއީ ވެސް ކޮކޯ އުފައްދާ ބީންސްއިން ލިބޭ އެއްޗެކެވެ. ނަމަވެސް މިއީ ޕްރޮސެސް ނުކޮށް ހުންނަ އެއްޗަކަށް ވާތީ، މީގައި ފްލެވަނޯލްސް އަދި އެހެނިހެން އެންޓިއޮކްސިޑެންޓްތައް އެކުލެވޭ މިންވަރު މައްޗެވެ. ބައެއް ޑާކް ޗޮކްލެޓްތަކުގައި ކޮކޯ ގިނަ އަދަދަކަށް އެކުލެވޭ ކަމަށް ލޭބަލްކޮށްފައި ހުންނައިރު، އަނެއްބައި ޗޮކްލެޓްތަކުގައި ލޭބަލްކޮށްފައި ހުންނަނީ ކަކާއޯ އެކުލެވޭ މިންވަރު މަތި ކަމަށެވެ.