ނިދުމަށްޓަކައި އެނދަށް އެރުމަށްފަހު އެންމެ ފަހު ކަމަކަށް ސްމާޓްފޯނަށް ބަލާލުމަކީ ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް، ދަންވަރު ވަގުތުތަކުގައި ސްކްރީންތަކަށް ހުށަހެޅުމާއި، ނޭދެވޭ އަދި ހާސްކަން ވެރިކުރުވާ ޚަބަރުތައް ކިޔުމުގައި ވަގުތު ހޭދަކުރުމަކީ، ނިދީގެ ފުންމިނަށާއި، ހަށިގަނޑަށް ލިބެންޖެހޭ އަރާމުގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަމަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ނިއުރޮލޮޖިސްޓުން ހާމަކުރައްވައެވެ.
އާންމުކޮށް ސޯޝަލް މީޑިއާއަށް ކުޑަކޮށް ނަޒަރު ހިންގާލުމުގެ ބޭނުމުގައި ފަށާ މި އާދަ، ގިނަ ފަހަރަށް ނިމިގެންދަނީ އެތައް ގަޑިއިރެއް ވަންދެން ކުރު ވީޑިއޯތަކާއި ނޮޓިފިކޭޝަންތައް ބެލުމުގައެވެ. ސުވާލަކީ، އަޅުގަނޑުމެން އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ މި ކަމުގެ ސަބަބުން ނިދީގެ ފެންވަރަށް އަސަރުކުރަނީ ކިހާ މިންވަރަކަށްތޯއެވެ.
އިންޑިއާގެ މުމްބާއީގެ ޖަސްލޮކް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ޑިރެކްޓަރު އޮފް ނިއުރޮލޮޖީ، ޑރ. ޖޯއީ ޑީ. ދެސާއީ ވިދާޅުވާ ގޮތުގައި، ގިނަ ވަގުތު ފޯނު ބޭނުންކުރުމާއި، ވަކިން ޚާއްޞަކޮށް ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމަކީ ސިކުނޑީގެ ސިއްޙަތާއި ނިދުމުގެ ނިޒާމަށް ބަލާއިރު ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.
މޯބައިލް ފޯނަކީ މިއަދު މުވާޞަލާތު ކުރުމަށާއި، މުނިފޫހިފިލުވުމަށާއި، މަޢުލޫމާތު ހޯދުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ. އެހެންނަމަވެސް، ޑރ. ދެސާއީ ފާހަގަކުރައްވާ ގޮތުގައި ދުވާލަކު ތިން ގަޑިއިރަށްވުރެ ގިނައިރު ފޯނު ބޭނުންކުރުމާއި، ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމަކީ ސަމާލުކަން ދިނުމުގެ ޤާބިލިއްޔަތު ކުޑަކޮށްދޭ ކަމެކެވެ. އަދި ވަގުތުން ވަގުތަށް އުފާވެރިކަމުގެ އިހުސާސް ގެނެސްދޭ ސިކުނޑީގެ 'ޑޮޕަމިނަޖިކް ނެޓްވޯކް'ތަކުގެ ހަރަކާތްތެރިކަން މާބޮޑަށް އިތުރުކުރުވާ ކަމެއް ކަމަށް ޑރ. ދެސާއީ ވަނީ ވިދާޅުވެފައެވެ.