ކަރީނާ ކަޕޫރަކީ އޭނާގެ ޒުވާންކަމަށް ބަދަލެއް ނާންނަ އެކްޓަރެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދާދި ފަހުން އޭނާގެ އިންސްޓްގްރާމްގައި އޭނާވަނީ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް އޭނާ އެއް ދުވަހުގެ ކަސްރަތު ޕްލޭން ހިއްސާކޮށްފައެވެ.

ކަރީނާގެ ޕްލޭން އޭނާ ލިޔެފައި ހުންނަނީ ވައިޓް ބޯޑެއްގައެވެ. އޭނާގެ ކަސްރަތު ޕްރޮގްރާމުގައި ހިމެނެނީ 10 ބުރު، 10 ޕްލޭޓް ސްނެޗަސް، 10 ކޭބީ ޕެންޑިއުލަމްސް، 10 ހިންޖް އޮބްލީކް ޕުލްއޯވާސް، 10 ސޮމަސޯލްޓް ސްކޮޓްސް އަދި 150 މީޓަރުގެ ސްކީއިންގ އެވެ.

މީގެއިތުރުން، ކަރީނާ ވަނީ އޭނާގެ ކެއުމުގައި ގިތެޔޮ (ގީ) ގިނައިން ބޭނުންކުރާކަން ފާހަގަކޮށްފައެވެ. ފަހަކަށް އައިސް ކަރީނާ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާނާ ދައްކާފައިވާ ވާހަކަތަކުގައި ވެސް ގީގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ ޝޯ" ގައި މި ދެމަފިރިން ބައިވެރިވި ދުވަހު، ޝޯގެ ހޯސްޓް ކަޕިލް ޝަރުމާ ވަނީ ކައިވެންޏަށް 14 އަހަރު ވީއިރު ވެސް އެހާ "ޒުވާންކޮށް އަދި ތާޒާކޮށް" ފެންނަނީ ކީއްވެގެންތޯ އެ ދެމަފިރިންނާ ސުވާލުކޮށްފައެވެ. ސައިފް މަޖަލަކަށް ހަދާފައި ބުނީ އެމީހުންގެ ސިފަ ރީތިކޮށް ހުރުމުގެ ސިއްރަކީ 'ދޭސީ ގީ' ކަމަށެވެ.

ކަރީނާ އިތުރަށް ބުނި ގޮތުގައި ގީއަކީ އެމީހުންގެ ގޭގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ. އަދި އެ ދެމަފިރިންގެ ފިރިހެން ދަރިން ކަމަށްވާ ތައިމޫރާއި ޖޭހް ވެސް ގަވާއިދުން އެ ބޭނުންކުރާކަމަށް ބުނެފައެވެ.

ކަރީނާގެ އާދަކާދައާ ބެހޭ އިތުރު ތަފްސީލެއް ހާމަކުރަމުން ސައިފް ބުނީ، ކަރީނާ ގީ ކެއުމުގެ އިތުރަށް، ރޭގަނޑު ފައިތިލައިގައި ވެސް އުނގުޅާ ކަމަށް ބުނެފައެވެ. ކަރީނާ ބުނި ގޮތުގައި އެގޮތަށް ފައިތިލަ އުނގުޅުމުން އަރާމުކޮށް ނިދަން ފަސޭހަވާ ކަމަށެވެ.

އަމީތާބް ބައްޗަން ހުށަހަޅައިދޭ "ކޯން ބަނޭގާ ކްރޯޅްޕަތީ" ގެ 18 ވަނަ ސީޒަނުގައި ސައިފް ބައިވެރިވި އިރު، މި ދެމަފިރިން ގިތެލަށް ހުންނަ ލޯބި ވަނީ ހަބަރުތަކުގެ ފަލަސުރުހީއަށް އަރައިފައެވެ. މި ޝޯއިން އެ އެކްޓަރަށް ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ހިލޭ "ގޯވަރުދަން" ގިތެޔޮ ލިބިފައެވެ. ކަޕިލް ޝަރުމާގެ ޝޯއަށް އެކުގައި ދިޔަ ދަތުރުގައި ކަރީނާ ވަނީ ސައިފް އޭނާއަށް ކައިވެނި ހުށަހެޅި ގޮތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފައެވެ. އޭނާ ހާމަކުރި ގޮތުގައި، ކައިވެންޏަށް އެއްބަސްވުމުގެ ކުރިން ސައިފް ވަނީ މުމްބާއީ، ގްރީސް އަދި ޕެރިހުގައި ވެސް އޭނާއަށް ކައިވެނި ހުށަހަޅައިފައެވެ.