ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން،، ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ހިނގައްޖެއެވެ. ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ދިޔައީ، ޑެންމާކް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމެނޭނެ ކަމަށް ކޯޗު ޖީސަސް ހާމަކުރިތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ.

މި މައްސަލަ އުފެދެން ފެށީ މިދިޔަ އާދީއްތަ ދުވަހު ނޯވޭއާ ދެކޮޅަށް ޕޯޗުގަލް 2-1 އިން މޮޅުވި މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރުވާނެ ކަމަށް ބުނުމަށްފަހު ވެސް ކޯޗު އޭނާ ބެންޗުގައި ބޭންދުމުންނެވެ. އެ މެޗަށްފަހު ހޯމަ އަދި އަންގާރަ ދުވަހު ޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވެ، ވަގުތު ހޭދަކުރީ ޖިމްގައެވެ. ނަމަވެސް ކޯޗު ވަނީ ދެމީހުންގެ މެދުގައި ބޮޑު މައްސަލައެއް ނެތް ކަމަށާއި، ރޮނާލްޑޯ ޓީމާ އެކު ފަރިތަކުރަން ދެކޮޅު ނުހަދާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ނޯވޭ މެޗުގައި ނުކުޅެވުމުން ރޮނާލްޑޯ މާޔޫސްވި ކަމަށް ކޯޗު އެއްބަސްވިއެވެ.

ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޖީސަސް ބުނީ ޑެންމާކް މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ކުރިއަށް ކުޅޭނީ ގޮންކާލޯ ރާމޯސް ކަމަށެވެ. އަދި އެ ދުވަހުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާނެ ކަމަށް ވެސް ކޯޗު ބުންޏެވެ. އެހެން ނަމަވެސް، އެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ، ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ ކާރެއްގައި ޕާކެން ސްޓޭޑިއަމް ދޫކޮށް ރޮނާލްޑޯ ވަނީ ގޮސްފައެވެ.

ޓީމު ދޫކޮށް ދިޔަކަން ކަށަވަރުކޮށްދެމުން ރޮނާލްޑޯ އިންސްޓަގްރާމްގައި ބުނީ، މި ނިންމުން ނިންމީ ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންސާއާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އަދި މިގޮތަށް ނިންމި ސަބަބު "މުނާސަބު ވަގުތެއްގައި" ހާމަކުރާނެ ކަމަށް ބުނެ، ޓީމަށާއި ކުޅުންތެރިންނަށް ކާމިޔާބީއަށް އެދުނެވެ.