އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި ކަމުގެ ކުށް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވި ނަމަވެސް، އަބަދުވެސް އެ ކްލަބުގެ ވެރިންނާއި މެނޭޖްމަންޓާއެކު ސާބިތުކަމާއެކު ހުންނާނެ ކަމަށް ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މި މައްސަލަ ބެލި މިނިވަން ކޮމިޝަނުން ނިންމާފައިވަނީ، 830 މިލިއަން ޕައުންޑަށް ވުރެ ގިނަ ސިއްރު ފަންޑިންގ ފޮރުވުމުގެ ގޮތުން ވިޔަފާރި ބައިވެރިންތަކަކާއެކު ސިޓީން ސައްހަނޫން ނުވަތަ "ފޭކް ކޮންޓްރެކްޓްތަކެއް" ހަދާފައިވާ ކަމަށެވެ. މިގޮތުން 2009-10 އިން ފެށިގެން 2017-18 ގެ ސީޒަނާ ހަމައަށް މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ ކުރެވުނު ހުރިހާ ތުހުމަތުތަކަކަށް ސިޓީ ކުށްވެރިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެއިތުރުން ތަހުގީގަށް އެއްބާރުލުން ނުދިން ކަމުގެ އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ ދައުވާއެއް ވެސް ވަނީ ސާބިތުވެފައެވެ.
ނަމަވެސް، އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ބުނެ ސިޓީން އަންނަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ. އަދި މި ނިންމުން އިސްތިއުނާފު ކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ކްލަބަށް ވަނީ މުއްދަތު ދީފައެވެ.
ޖުލައި 2016 ގައި ސިޓީގެ ކޯޗުކަމާ ހަވާލުވެ، މިދިޔަ ހޫނުމޫސުމުގައި އެ މަގާމުން ވަކިވި ގާޑިއޯލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިޓީގެ ސަޕޯޓަރުންނަށް އޭނާ އަބަދުވެސް އެ ކްލަބާއެކު ހުރިކަން އަންގަން ބޭނުންވާ ކަމަށެވެ.