ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ.

ޖުވާ ކުޅުމުގެ މައްސަލަ ކުރިމަތިވެފައިވާ ނުވަތަ އެފަދަ މީހަކާ ގާތްގުޅުމެއް އޮންނަ ފަރާތްތަކުން، މިކަމަށް ދެވިހިފަން މެދުވެރިވާ ސަބަބުތަކާ މެދު ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް މިކަމުގެ ތެރެއަށް ވަދެވި، މުޅި ދިރިއުޅުން ބަރުބާދުވެގެންދާއިރު، އަދި އަނެއް ބައި މީހުންނަށް ކޮންޓްރޯލެއްގެ ތެރޭގައި މިކަން ކުރެވެނީ ކީއްވެގެންކަން ދެނެގަތުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ.

ހަގީގަތަކީ، މި ސުވާލުތަކަށް ސީދާ ވަކި ޖަވާބެއް ދިނުމަކީ އުނދަގޫ ކަމެކެވެ. ކޮންމެ މީހަކުވެސް މިކަމަށް ދެވިހިފަން މެދުވެރިވާ ސަބަބުތައް އެކި މީހުންގެ ތަފާތު ވެދާނެއެވެ. ނަމަވެސް، މި ނުރައްކާ އިތުރުކޮށްދޭބައެއް ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.