ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމަށް، ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދި އަރިއަޅާލައި ހިނގި ހާދިސާއާއި ގުޅިގެން އެންމެންނަށް ލިބުނީ ކުއްލި ސިހުމަކާއި ހައިރާން ކަމެކެވެ. ނަމަވެސް އެވަގުތު އެތަނުގެ ޕްލެޓްފޯމުގައި ތިބި ޕައިލެޓުންނާއި ކްރޫއިން އެއްވެސް ފަސްޖެހުމެއް ނެތި ފުންމާލީ މޫދަށެވެ.

ޓީއެމްއޭގެ ބޯޓު އަޑިއަށްދާން ފެށުމުން ކަންތައްވީ ގޮތުގެ މަންޒަރު އާންމުންގެ މީހަކު ފޭސްބުކްގައި ޕޯސްޓުކުރިއެވެ. އެ ވީޑިއޯގައި ފެންނަނީ އެ ބޯޓު އަޑިއަށް ދާން ފެށުމުން އެވަގުތު ސީޕްލޭން ޓާމިނަލުގެ އޭރޯޑްރޯމް ޕްލެޓްފޯމް މަތީގައި، ޔުނީފޯމުގައި ތިބި ޕައިލެޓުންނާއި ކްރޫއިން ވަގުތުން މޫދަށް ފުންމާލައި، ފަތައިފައި އެ ބޯޓާ ދިމާލަށް ދާ މަންޒަރެވެ.

އެ ވީޑީއޯ ޕޯސްޓްކުރި މައުރޫފް މުހައްމަދު ލިއެފައިވާ ގޮތުގައި އެ ބިރުވެރި ވަގުތުގައި އެމީހުން އަމިއްލަ ނަފްސާ މެދު ވިސްނާ ފަސްޖެހިފައެއް ނުވެއެވެ. އެހީތެރިކަމަށް ބޭނުންވެފައި ތިބި ބަޔަކު ފެނުމާ އެކު، ފަސްޖެހުމެއް ނެތި މޫދަށް ފުންމާލީއެވެ. އެ މީހުން އެ ވެދިން އެހީތެރިކަން އަހަރެމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެކަމަށެވެ.

"ޔުނިފޯމުގައި ތިބި ކްރޫއިން، ފަސިންޖަރުންނާއި އެ މީހުންގެ އަމިއްލަ ޓީމުގެ ބައިވެރިން ސަލާމަތްކުރަން މޫދަށް ފުންމާލި މަންޒަރު ފެނުމުން ލޮލުން ކަރުނަ ހިލި، ހިތް ފުރިގެންދިޔަ، އެ މީހުންނާ މެދު ވަރަށް ފަހުރުވެރިވަން" މައުރޫފް ލިޔެފައިވެއެވެ.

ސޯޝަލް މިޑިއާގައި ހަރަކާތްތެރި މިދުއަމް ސައުދުވެސް ވަނީ އެމީހުންނަށް ތައުރީފް ކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެމީހުންގެ އެހިތްވަރުގެ އަގުވަޒަންކޮށް ބަލައިގަންނަން ޖެހޭކަމަށެވެ.

Hats off to the TMA employees on the dock who immediately jumped into action to rescue and assist their colleagues and passengers. Their quick response and courage deserve recognition and appreciation.

ޓީއެމްއޭއިން މީޑިއާތަކަށް ހާމަކޮށްފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނައި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި އާންމުކުރާނެކަމަށެވެ.