މަރަށް މަރު ހިފުމަށް ކުރި ހުކުމެއް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައިވަނީ 2013 ވަނަ އަހަރު، މއ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހިމެނޭ، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެވެ. މި މައްސަލާގައި އެ ކުއްޖާގެ މައްޗަށް މަރަށް މަރު ހިފަން ހުކުމްކުރީ ޖުވައިނަލް ކޯޓުންނެވެ. އަދި ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފަ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްޔިއުނާފުކުރީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. އެގޮތުން މައްސަލަ އިސްތިއުނާފުކުރީ ކުޑަކުދިންގެ ޢަދުލުގެ ގާނޫނަށް އައި ބަދަލުތަކާއެކު، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެތީ އެވެ.

މި މައްސަލަ ނިންމާ ސުޕްރީމް ކޯޓުން ނިންމި ނިންމުގައި ވަނީ އެ ކުއްޖާ މަރަށް ކުރި ހުކުމް ބާތިލްކޮށްފަ އެވެ. އެގޮތުން އެ ނިންމުން ނިންމާފައިވަނީ ކުޑަކުދިންގެ ޢަދުލުގެ ގާނޫނުގެ ދަށުން، 18 އަހަރު ނުފުރޭ ކުއްޖަކު ކުރި ކުށަކަށް މަރުގެ އަދަބު ދިނުން ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާތީކަމަށް ހުކުމްގައިވެއެވެ.