ފިނިމޫސުން ފެށުމާއެކު އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ނުސާފުވުމުގެ ބޮޑު މައްސަލައާ އަނެއްކާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.
ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) މިހާރު ވަނީ 300 އިން މައްޗަށް އަރައި، މިލިއަނަކަށް ވުރެ ގިނަ ރައްޔިތުންގެ ސިއްހަތާ މެދު ކަންބޮޑުވުން އުފެދިފައެވެ.
ނުސާފު ވައިގެ ތެރޭގައި ގިނަ ވަގުތު ހޭދަކުރުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވެ، ހަށިގަނޑުގައި ހުންނަ ބަލިތައް އިތުރަށް ގޯސްވާނެ ކަމެކެވެ. މިކަމުގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށެވެ.
މިކަމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ "ގްރޭޑެޑް ރެސްޕޮންސް އެކްޝަން ޕްލޭން" (ގްރެޕް) ގެ ދެވަނަ މަރުހަލާ ތަންފީޒުކުރަން ފަށައި، ހިރަފުހާއި، ދުއްވާ އެއްޗެހީގެ ދުން އަދި ވައި ނުސާފުވާ އެހެނިހެން ކަންކަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އޮފިޝަލުން ފާހަގަ ކުރައްވާ ގޮތުގައި މި ފިޔަވަޅުތައް އެޅީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވައިގެ ފެންވަރު އިތުރަށް ގޯސްވާނޭކަމަށް ލަފާކުރެވޭތީއެވެ.
ކޮންމެ ފިނިމޫސުމަކާ ދިމާކޮށް އުތުރު އިންޑިއާގެ އަވަށްޓެރި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހާއްސަކޮށް، އިންޑިއާގެ އެންމެ ބޮޑު އެއް އީދު ކަމަށްވާ ދީވާލީއާ ދިމާކޮށް މި މައްސަލަ ވަކިން ބޮޑުވެއެވެ.
ދިވާލީގެ ސަބަބުން ޖައްވުގެ ތެރެއަށް ކުދި ޕާޓިކަލްތަކާއި ގެއްލުންހުރި ގޭސްތައް ބޭރުވެ، މިހާރުވެސް ގޯސްވެފައިވާ ދިއްލީގެ ވައިގެ ފެންވަރު އިތުރަށް ގޯސްވެގެންދެއެވެ.