ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އާއި މުވާސަލާތީ ކުންފުނި ދިރާގުގެ ހިއްސާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ގުޅިގެން އޭރު ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ދައުލަތަށް ބޮޑު ފައިދާއެއް ވަމުން އައި ދެ ކުންފުނީގެ ހިއްސާ އެ ވަގުތުގެ މާލީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު އައީ ބުނަމުންނެވެ.
އޭގެ އަހަރުތަކެއް ފަހުން މި ފަހަރު މި އޮތީ އެ ދެ ކުންފުނީގެ ބޭރުގެ ހިއްސާ ދިވެހި ސަރުކާރަށް އަނބުރާ ނެގުމުގެ ބަހުސެވެ. އެ ދުވަސްވަރާއި މިހާރުގެ ހާލަތަށް ބަލާއިރު ވިސްނުމާއި ފިކުރު ވެސް ތަފާތުކަން މި ބަހުސް އިން އެނގެ އެވެ. އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓް އަދި ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާންކުރީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.