ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ޗެކިއާ ބަލިކޮށް، މުބާރާތުގައި ސްޕެއިން ހޯދަމުން އަންނަ ފުރިހަމަ ކާމިޔާބީ އެ ޓީމުން ދަމަހައްޓައިފިއެވެ. ކާލޯސް ޓާޓިއޭރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ހަވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާގެ އަރިމަތިން ޖާގަ ހޯދުމަށްފަހު، ވާތު ފައިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން މި ލަނޑު ކާމިޔާބުކުރީ ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްއެވެ. މިއީ އޭނާ ނޭޝަންސް ލީގުގައި ފުރަތަމަ 10 މިނެޓް ތެރޭގައި އޭނާ ލަނޑު ޖެހި ތިންވަނަ މެޗެވެ.

ފުރަތަމަ ހާފުގައި 70 ޕަސެންޓް ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރި ސްޕެއިނުން ދެވަނަ ލަނޑު ޖެހީ 35 ވަނަ މިނެޓުގައެވެ. މިޑްފީލްޑުން ފެށި ހަމަލާއެއްގައި، ޕެޑްރީއާ ޕާސްތަކެއް ބަދަލުކުރުމަށްފަހު، ކެޕްޓަން ރޮޑްރީ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފަށް ނުކުމެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ޔަމާލް އާއި އަލެކްސް ބައެނާ ބަދަލުކޮށްފައެވެ. މި ބަދަލުތަކާއެކު ސްޕެއިންގެ ކުޅުމުގެ ބާރު ދަށްވެ، ޗެކިއާއިން ނުރައްކާ ކުރަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 69 ވަނަ މިނެޓުގައި އާދަމް ހްލޮޒެކް ތަނަވަސްކޮށްދިން ފުރުސަތަކުން ސުލާމާ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ.

އޭގެ ފަހުން ޗެކިއާއިން ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ދިޔައެވެ. ސްޕެއިންގެ ކީޕަރު ޑޭވިޑް ރާޔާ ހެދި ގޯހެއްގެ ފައިދާ ނަގައި ރަޔާން ނާދެރީ ގޯލެއް ޖެހި ނަމަވެސް، ސްޕެއިންގެ ޑިފެންޑަރު ލެ ނޯމަންޑަށް ފައުލްކުރުމުގެ ސަބަބުން ރެފްރީ އެ ލަނޑު ބަލައިނުގަތެވެ.