ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރަކަށް، ވައިސްއެޑްމިރަލް ރިޓަޔާޑް އުވައިސް އަހްމަދު ބިލްގްރާމީ ހަމަޖައްސަވައިފިއެވެ.

މިއީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ވިދިވިދިގެން ނޭވީގެ ރިޓަޔަޑް ވައިސް އެޑްމިރަލެއް ހަމަޖެއްސި ދެވަނަ ފަހަރެވެ. މި މަގާމުގައި ކުރިން ހުންނެވި ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީއަކީ ވެސް ޕާކިސްތާނުގެ ނޭވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބެފުޅެކެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ވައިސްއެޑްމިރަލް ރިޓަޔާޑް އުވައިސް އަހްމަދު ބިލްގްރާމީ އެވެ. ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ވަނީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާން-އޭ-ސަދްރު" ގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޒަރްދާރީ ވަނީ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާތަކުގެ އަމަލީ ނަތީޖާތަކެއް ނެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް ޒަރްދާރީ ވަނީ އެދިވަޑައިގެންނެވިއެވެ. އަދި އިތުރު ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެއްބާރުލުން އިތުރުކުރެވޭނެ އާ ދާއިރާތައް ބަލަން ވެސް ޒަރުދާރީ ސަފީރަށް އިރުޝާދު ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޒަރްދާރީގެ އިރުޝާދުތަކަށް ޝުކުރު އަދާކުރައްވައި، އައު ސަފީރު އުވައިސް ވަނީ ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތައް ތަންފީޒުކޮށް، ދެ ގައުމުގެ މަސްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ވައިސް ޗީފް އޮފް ނޭވަލް ސްޓާފްކަމާއި ކޮމްޕާކް ފްލީޓާއި ކޮމްޕާކް އާއި ކޮމްކާރްގެ ކޮމާންޑަރުކަމާއި ޕީއެންއެސް ޚަައިބަރު ނަމަކަށް ކިޔާ މަނަަވަރުގެ ކޮމާންޑަރުކަން އުވައިސް އަހުމަދު ވަނީ ކުރައްވާފައެވެ. ރިޓަޔާކުރެއްވި ފަހުން އުވައިސް އަހުމަދު ވަނީ ޑިފެންސް މިނިސްޓްރީގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމު އަދާކުރައްވާފަ އެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ދައުރު އެންމެ ފަހުން ފުރިހަަމަކުރެއްވި ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ސަފީރުކަމާއި ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2024 ގައެވެ. މަގާމު އަދައިކުރެއްވުމަށްފަހު ރާއްޖޭން ދިއުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރާތެއް މިދިޔަ ހަފުތާގައިވަނީ ފައިސަލް ވަނީ ކުރައްވައިފައެވެ.