ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު ނެރުނު އަމުރަށް ހައި ކޯޓުން ތާއިދުކޮށްފި އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި މި މަހު ދެ ވަނަ ދުވަހުގެރޭ ޝާހިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. ޖެހިގެން އައި ދުވަހު ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާހިދު 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުންއިއްވި ހުކުމްގައި ބުނެފައިވަނީ ޝަހިދު ހައްޔަރުކުރަން އެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އެހެންވެ، ޝާހިދު އެދުނު ގޮތަށް އަމުރު ބާތިލުކޮށްދެވެން ނެތް ކަމަށެވެ.
ޝާހިދު އެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ހައްޔަރުކުރިމަށް ސޯޝަލް މީޑިޔާގައި އަޑުތައް ފެތުރުނެވެ. އެއާއެކު އޭނާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.