މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން އަމަލުކޮށްފައިވާ ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނެރުނު ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

މި ހުކުމާ ގުޅިގެން މަރުހަބާ ކިޔާ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިރައީސް މުއިއްޒު ވިދާޅުވީ މި ހުކުމަކީ ނަސްލު ނައްތާލުމާ ދެކޮޅު މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

"...ބައިނަލްއަގްވާމީ ގާނޫނީ ޒިންމާތައް ދެމެހެއްޓުމަށާއި، ސުލްޙަވެރި އަދި ޝަރުޢީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭގެ މުހިންމު ދައުރު މި ނިންމުމުން ވަރަށް ބޮޑަށް ހާމަވެގެންދޭ..."ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އެއް ގައުމުކަން ފާހަގަ ކުރައްވައި ރައީސް ވަނީ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ މިފަދަ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނަށް އިހްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިން ޖަވާބުދާރީކުރުވާ، ޒިންމާދާރުކުރުވުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ.

"އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި، އިންސާފު ގާއިމުކުރުމަށް، އަދި ނަސްލު ނައްތާލުން ހުއްޓުވުމުގެ މަސައްކަތްތަކަށް އެއްބާރުލުންދީ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ޤައުމުތަކަކަށް ގޮވާލަން،" ރައީސް ވިދާޅުވިއެވެ.

ރޮހިންޖާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް ބަންގުލަދޭޝް އިން އެތެރެވެފައިވާ ބަޔެކެވެ. އެކަމުގެ ސަބަބުން ލާ އިންސާނީ އެތައް އަނިޔާއަކާއި އެތައް ހައްގުތަކަކުން އެމީހުން މަހްރޫމްކުރުވިއެވެ. އެގޮތުން ދަރިން ހޯދުމާއި ރައްވެހިކަން ދިނުން ފަދަ ކަންތައްތަކުން އެމީހުން މަހްރޫމްކުރިއެވެ.

މި މައްސަލައިގެ ފެށުން ގުޅިފައިވަނީ މިޔަންމާގައި 2016 ވަނަ އަހަރު، އޭރުގެ ލީޑަރު އަންގް ސަން ސޫޗީގެ ވެރިކަމުގައި، ރޮހިންޖާ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓު ކަމަށްވާ ރާހީން ސްޓޭޓްގައި އެ ގައުމުގެ ސިފައިން ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަން ދިގުލައި ޖެހިގެން އައި އަހަރު އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް މަރާލައި، އަންހެނުންނަށް ޖިންސީ ގޯނާކޮށް، އަދި އެ މީހުންގެ ގެދޮރާއި އަވަށްތަކުގައި ހުޅުޖަހައި އަންދާލިއެވެ. އެމަކުގެ ސަބަބުން 700,000 އަށް ވުރެ ގިނަ ރޮހިންޖާ ރައްޔިތުން ވަނީ ފުރާނަ ސަލާމަތްކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.

ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި އދ.އިން މީގެ ކުރިންވެސް މިކަން ސިފަކޮށްފައިވަނިކޮށް، ރޮހިންޖާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، އައިސީޖޭއަށް އެ މައްސަލަ ގެމްބިއާއިން ހުށަހެޅީ ނޮވެންބަރު 11، 2019 ގައެވެ. ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ކޯޓަށް، 57 ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ގެމްބިއާއިން ވަނީ، 1948 ގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާ އިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމކަށް އެދިފައެވެ. އަދި އެ ދަރިފަސްކޮޅާ ދެކޮޅަށް ހިންގާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވައި އެކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް ކޯޓުން އަމުރުކޮށްދިނުމަށް އެދިފައެވެ.

ދިފާއުގައި މިޔަންމާއިން ބުނެފައިވަނީ އެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އާސާ)ގެ ހަނގުރާމަވެރިން ފުލުހުންގެ ޕޯސްޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، 2017 ވަނަ އަހަރުގެ ކުރިން ވެސް ރޮހިންޖާ މީހުންނާ މެދު އަމަލުކުރީ ދެ ވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައެވެ. އެގޮތުން ނަސްލު ނައްތާލުމުގެ ހަތަރު އަމަލެއް މިއަންމާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ފަނޑިޔާރުން ނިންމިއެވެ. އެއީ އާއްމުން މެރުން، މަޖުބޫރުން ގިނަ ބަޔަކު ގައުމު ދޫކޮށް ދިއުން، ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ދިނުން، ދަރިމައިވުން ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.

ފަނޑިޔާރުންގެ ނުވަ ވޯޓު، ހަ ވޯޓުގެ އަޣުލަބިއްޔަތުން ކުރި މި ހުކުމާއެކު، ކޯޓުން ވަނީ ގެއްލުން ލިބުނު ރޮހިންޖާ ރައްޔިތުންނަށް ބަދަލު ދިނުމަށް މިޔަންމާގެ މައްޗަށް އަމުރުކޮށްފައެވެ. އަދި އެ މީހުންގެ ހައްގުތައް އިޔާދަ ކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެކުލަވާލައި ތަންފީޒު ކުރުމަށާއި، އެ އަމުރު ތަންފީޒުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލީ ރިޕޯޓެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އަމުރުކޮށްފައެެވެ.

މި ހުކުމަކީ އިންސާފަށްޓަކައި ދިގު އިންތިޒާރެއް ކުރަމުން އައި އެތައް ލައްކަ ރޮހިންޖާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުން އަންނައިރު، މިއީ ދައުލަތަކުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާ ކަމަށް ބައިނަލްއަގުވާމީ ކޯޓަކުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި އެއީ ނާޒީ ހޮލޮކޯސްޓަށް ފަހު، ބައިނަލްއަގުވާމީ ކޯޓަކުން މިފަދަ ޖަރީމާއެއް ހިންގި ކަމަށް ނިންމި ހަތަރު ވަނަ ފަހަރެވެ.

އެ މައްސަލާގައި ކުރިއަށްދިއުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، ރާއްޖެިއންވެސް ވަނީ ފެބްރުއަރީ 2020 ގައި އެ މައްސަލައަށް ތަދައްޚުލުވާން ރާއްޖެއިން ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހަޅާފައެވެ. އެއާއެކު 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން ވަނީ އެ ފުރުސަތު ރާއްޖެއަށް ދީފައެވެ. ރާއްޖޭގެ އެ މައްސަލައިގެ ތެރެއަށް ކެނެޑާ، ޑެންމާކް، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް އަދި އިނގިރޭސި ވިލާތުން ތަދައްހުލުވެފަ އެވެ.

އދ.އިން ހާމަކޮށްފައިވާ ގޮތުގައި ގެދޮރު ގެއްލިފައިވާ ރޮހިންޖާ ރައްޔިތުންގެ އަދަދު މިހާރު 1.3 މިލިއަނަށް ވުރެ ގިނައިރު، އޭގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ ގެދޮރު ގެއްލި، ނާޒުކު ހާލަތެއްގައެވެ.