ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ފާޅުކުރަނީ އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ހުރި ހުރިހާ ކަންބޮޑުވުންތަކަކީ އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި އެއީ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ކުރާ ކަމެއްކަމުގައެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ޤަބޫލުކުރާ ކަންކަމާއި ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާނީވެސް އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކުންކަމަށެވެ.
އިސްލާމް ދީނާއި ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ދިވެހިންގެ އިޖުތިމާޢީ ފޭރާމަށް އެކަމުން ނުރަނގަޅު އަސަރު ފޯރާނެ އެއްވެސް ކަމެއްވެސް މިސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
"ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތެއް ނެތް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ބުރޫ އަރާނޭ ކަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެ، މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކޮށް، އެސްޓޭންޑެއްގައި މިސަރުކާރުން ހިފަހައްޓާފައިވާ ސްޓޭންޑެއް.."ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫންކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިވަގުތާއި ހަމައަށް ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ. އަދި އެއީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ގާތްގަނޑަކަށް ދެގުނަ ވަރުގެ ބިމެއްކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހީންގެ ދީނާއި ސިޔާދަތާ އިސްތިގުލާލަށް ބުރޫއަރާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ހުންނަވާ އިދިކޮޅު އެމްޑީޕީ އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އިން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާ އެއްވުމެއްވެސް ބާއްވާފައެވެ.