ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަށް ބުރޫއަރާނެ، ލޮޅުންއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ޤަބޫލުކުރާ ކަންކަމާއި ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާނީވެސް އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކުންކަމަށެވެ.
އިސްލާމް ދީނާއި ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ދިވެހިންގެ އިޖުތިމާޢީ ފޭރާމަށް އެކަމުން ނުރަނގަޅު އަސަރު ފޯރާނެ އެއްވެސް ކަމެއްވެސް މިސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
"ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތެއް ނެތް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ބުރޫ އަރާނޭ ކަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެ، މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކޮށް، އެސްޓޭންޑެއްގައި މިސަރުކާރުން ހިފަހައްޓާފައިވާ ސްޓޭންޑެއް.."ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫންކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ.