ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ބޯހިމެނުން (އެގްރިކަލްޗަރަލް ސެންސަސް) ގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުން އަމާޒުކޮށްފައިވަނީ މުޅި ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށްތަކަށެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން މިފަދަ ބޯހިމެނުމެއް ބާއްވާ މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި މިވަގުތު ޖުމްލަ 39 ފަރާތަކުން ދަނީ ބައިވެރިވަމުންނެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މި ދާއިރާއާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ އެންމެ މުހިންމު ތަފާސްހިސާބުތައް އެއްކުރުން ކަމަށެވެ.

"ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ދެނެގަތުމަށް މި ބޯހިމެނުން ބިންގަލަކަށް ވާނެ،"އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީން ހާމަކޮށްފއަިވާ ގޮތުގައި މި ބޯހިމެނުމުން ލިބޭ މައުލޫމާތާއި ހޯދުންތަކުގެ އަލީގައި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވައިލުމަށް މަގުފަހިވާނެއެވެ.

"ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމާއި ރައްކާތެރިކަން ގާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެޅުމަށް މި އެއްކުރެވޭ ތަފާސްހިސާބުތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

އޭގެ އިތުރުން ގައުމީ ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް އަމާޒުކޮށްގެން ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމާއި ރައްކާތެރިކަން ގާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެޅުމަށް މި ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ބޮޑު އެހީތެރިކަމެއް ލިބޭނެކަން އެ މިނިސްޓްރީއިން ފާހަގަ ކުރެއެވެ.