"އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަޝްރޫއު ރައީށް މުއިއްޒު އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި ރޭ މާފަންނު ޓްރެކް ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުންފުނިތަކާޢި މުއައްސަސާތަކުންނާއި ސްކޫލުތަކުންވެސް ބައިވެރިވިއެވެ.
މި މަޝްރޫއުއަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ފަސް އަހަރު ދުވަހަށް މުޅި ރާއްޖޭގައި ހިންގޭ މަޝްރޫއެެކެވެ. އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް، މިރޭ ރަސްމީކޮށް އިފްތިތާޙުކުރެވުނު މި މަޝްރޫޢުގެ ކަންކަން ބަލަހައްޓަވާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ.
ޙަޤީޤީ ޤައުމީ ތަރައްޤީ ޙާސިލުކުރެވޭނީ އުމްރާނީ ތަރައްޤީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެންކަން ފާހަގަކޮށް ކުރިއަށް ގެންދާ މި މަޝްރޫއަކީ އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ، އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ޠާހިރުވެފައިވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިޙްތިރާމު އަދާކުރުމަކީ ވަރަށް ފުޅާ ފުން މައުޟޫޢެއް ކަމަށާއި މިއީ، ދިވެހީންގެ ކިބައިން ވަރަށް މަތިވެރި ދަރަޖައަކަށް އެއް ޒަމާނެއްގައި ފެނުނު މާނަވީ ޙަޤީޤަތެއް ކަމަށެވެ.
"ދިވެހީންގެ ކިބައިން އޭރު ފެނުނު މަތީ ދަރަޖައަކަށް އިޙްތިރާމްކުރުމުގެ މާތް ސިފަޔަކީ، ދިވެހި އޮޑިފަހަރުގެ ފަށަން، އެ އޮޑީގެ އެހެން މަޑޫތަކާ ގުޅިފައިވާ ފަދައިން، ދިވެހީންގެ އެންމެހައި ކަންތައްތަކާ ގުޅިފައިވާ، ދިވެހިވަންތަކަމުގެ ޚާއްޞަ މީޒާއެއް. ޚާއްޞަ ފާހަގައެއް. ދިވެއްސެއްކަމުގެ ސާފު ދަލީލެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިރޭ އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ ޢަޒުމަކަށްވާންވީ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކާތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ ޢަޒުމް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިޞްލާޙީ ބަދަލަކީ މިއީ. އިސްލާމްދީނުގެ މަތިވެރި ހަމަތަކާއި، ރީތި މިސާލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާޙުކުރުމުގެ ބަދަލު. އެގޮތުން ތަރައްޤީވެފައިވާ ތަހުޒީބު މުޖުތަމަޢަކަށް މި މުޖުތަމަޢު ހެދުން. މި ވަގުތުން ފެށިގެން އަޅުގަނޑުމެން ފުރިހަމަ އިތުބާރާއި އިޚުލާޞްތެރިކަމާއެކު ގަންނަ މަތިވެރި ނިޔަތަކީ މިއީ. ދިވެހީންގެ ސިކުނޑި، އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އާ އުދަރެހަކަށް އުފުލައިލުމަށް. ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓައި، ޤައުމީ ތަރިކަތައް ދަމަހައްޓައި، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުމަށް. މިރޭ އަޅުގަނޑުމެން މި އެއްބަސްވަނީ މި އުފާވެރި މުސްތަޤުބަލަށް. މި ތަހުޒީބީ މުޖުތަމަޢަށް. މި ހިތްގައިމު ކުރިމަގަށް."ރައީސް ވިދާޅުވިއެވެ.