ރާއްޖޭގައި 7،000 އަށް ވުރެ ގިނަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށާއި، މިއީ ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވާ ބަލި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ހޮސްޕިޓަލްތަކުން އެއްކުރި މައުލޫމާތުތަކާއި ހަވާލާދީ އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ޓައިޕް 1 ގެ ހަކުރު ބަލީގެ 300 މީހުން އެބަތިބިކަމަށެވެ. އަދި ޓައިޕް 2 ގެ ހަކުރު ބަލީގެ 7،000 މީހުން ތިބިއިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ފަރުވާ ހޯދާކަމަށެވެ.
ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ގާތްގަނޑަކަށް 85 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށެވެ. އަދި އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ހަކުރު ބަލީގައި ކަމަށެވެ.
ޓައިޕް 1ގެ ހަކުރު ބަލި:ހަށިގަނޑުގައި ބޭނުންވާ ވަރަށް އިންސިއުލިން ނުއުފެއްދުމުން ޖެހޭ ހަކުރު ބަލިޓައިޕް 2ގެ ހަކުރު ބަލި:ހަށިގަނޑުގައި އިންސިއުލިން އުފެއްދިއަސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމުން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބަލި
ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނުވަތަ އެ ބައްޔަށް ހުށަހެޅޭ ހާލަތެއްގައި ހުރިނަމަ، އަދި ހަކުރު ބައްޔަށް ޝައްކު ނުވިނަމަސް ދޭތެރެ ދޭތެރެއިން ދުރާލާ ޓެސްޓުތައް ހެދުމަށް އެޗްޕީއޭ އިން ލަފާދެއެވެ.