ފުރުގާނު މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނައުޝާދު މޫސާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފި އެވެ.
ނައުޝާދުވަނީ މީގެ ކުރިންވެސް މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އަދި ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުންދީ އަދި ކަރަންޓް ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
މިދިޔަ މަހު 12ގައި މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައިވެސް ނައުޝާދު ހައްޔަރުކުރިއެވެ. އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ، ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.
ނަމަވެސް ކޯޓުން ހުކުމް އިއްވާފައިވަނީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށެވެ. އެހެންވެ، އޭނާ އަނބުރާ މުޖުތަމައަށް ދޫކޮށްލިއެވެ.
ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވުމުގެ މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ކުރިން، އޭނާ މިސްކިތުގައި ނިދާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.