ގާނޫނާ ހިލާފު ވެއްޖެނަމަ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމާފައިވާ އެއްވުން ވަގުތުން ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމާފައިވާ އެއްވުމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"ވުމާއެކު، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން އެއްވުން ކުރިއަށް ގެންދިއުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބެއްވުމަށް އެ އެއްވުން އިންތިޒާމް ކުރާ ފަރާތްތަކަށް އަންގަން...."{ ފުލުހުން ބުނެފައިވެއެެވެ.
މިރޭ އެއްވުން ބާއްވަނީ ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" ނެވެ. އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ހުންނަވާ ކުރިއަށް ގެންދާ މި އެއްވުމުގައި އިދިކޮޅު އެމްޑީޕީ އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އިން ވެސް ބައިވެރިވެ އެވެ.
އީގަލްސް ހިލްސްއަށް ރަސްމާލެ ދިނުމާއި ދެކޮޅަށް މިރޭ އެއްވުން ބާއްވާއިރު، އެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުން ގަރާރެއް ފާސްކޮށް، ސަރުކާރުން ވޯޓެއް ނުނަގައިފިނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާފައިވަނިކޮށެވެ.