ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް އަމާޒު ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދޭންޖެހޭ ކަމަށެވެ.

"ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ." ރައީސްގެ މެސެޖްގައިވެއެވެ.

ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ.

"ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭ. ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެން އެބަ ޖެހޭ. ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން އެބަ ޖެހޭ. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ." ރައީސް ވިދާޅުވެފައިވެއެވެ.

ހުރަވީ ދުވަހުގެ ގޮތުގައި ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަސް ފާހަގަ ކުރަނީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚީ ދުވަހަށްވާތީއެެވެ. މިދުވަސް ފާހަގަކުރަނީ ދިވެހި ޤައުމީ އަބްޠާލުންގެ ޒިކުރާ، އަމަލީ ގޮތުން ދިރުވައި އާލާކޮށް، އެ ބަޠަލުން ހޯއްދަވައިދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި، ޖޯޝް، ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ މަޤުޞަދުގައެވެ.