ފަލަސްޠީނާއިއެކު ރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމިތިބިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ފަލަސްޠީނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ ޑޮކްޓަރ މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރި ނުވާނެ ކަމުގެ ޔަޤީންކަން އަރުވަމުން، ފަލަސްތީނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ޞުލްޙަ ޤާއިމުވަންދެން ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިކަމަށެވެ.

"މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމިތިބިކަމުގެ ޔަޤީންކަން ދެއްވާފައެވެ."ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން ރައީސް އޮފީހުން ބުނީ މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި އަމިއްލަ އިޚްތިޔާރު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު ޖިހާދަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިކަމަށެވެ. އަދި މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ޤައުމީ ޢަޤީދާއާއި އިންސާނިއްޔަތާއި އިންސާފަށް، ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިކަމަށެވެ.

"ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި ދެމުންދާ އެއްބާރުލުން ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ."

އޭގެއިތުރުން 1967ގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ އެޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.