މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެންވާ ވަޢުދުތަކަކީ އަމަލީ، ނަތީޖާ ފެންނަ ކުރިއެރުންތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31)ގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާތައް ފުރިހަމަކޮށް، މާލީ ނިޒާމު ހަރުދަނާކުރުމާއެކު، ވަޢުދުތަކަކީ އަމަލީ، ނަތީޖާ ފެންނަ ކުރިއެރުންތަކަކަށް ހަދަން ޖެހޭކަމަށެވެ.

"ބައިނަލްއަޤުވާމީ ޒިންމާތަކާއި ވަޢުދުތައް ފުއްދުމުގެ ތެރެއިން، މަލްޓިލެޓަރަލިޒަމްގެ ސަބަބުން މާނަހުރި ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދޭންޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމީ މާލީ އެހީތެރިކަމަކީ އިތުރު، ޔަޤީންކަން އޮތް އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ މާލީ އެހީތެރިކަމަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ފައިސާ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑަށް އެކަށީގެންވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ނާޒުކު ޤައުމުތަކުން، އެ ޤައުމުތަކުގެ ހިއްސާ ކުޑަ، ކާރިސާއަކުން ސަލާމަތްވުމަށް ދަރަނިވެރިވުމަށް މަޖުބޫރުކުރުވައިގެން ނުވާނެކަމަށެވެ.

ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ނާޒުކުކަން ރަނގަޅަށް ދެނެގަތުމަށްޓަކައި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ ގޮތް އަލުން މުރާޖަޢާކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ވިލުންތެރިކަމަށް ކުރާ ހޭދައަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ މުސްތަޤުބަލަށް ކުރެވޭ ވުނަކުރުމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މޫސުމީ މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާ ރައީސް ވަނީ ރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ގްރީން ކްލައިމެޓް ފަންޑުން ދާދި ފަހުން އެކްރެޑިޓްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ އޭޝިއާގެ ކުދި ޖަޒީރާ ޤައުމަކަށް މިފަދަ އެކްރެޑިޓޭޝަނެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީން ދައްކުވައިދެނީ މޫސުމީ މާލީ އެހީތެރިކަން ހޯދައި، އޭގެ ފައިދާ ފޯރުކޮށްދިނުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ އޭޝިއާގެ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމަަކަށް މިކަން ހާސިލުވި ފުރަތަމަ ފަހަރު. މިކަމުން ދައްކައިދެނީ ކްލައިމެޓް ފައިނޭންސް ހޯދައި ޑެލިވަރީ ކުރަން ބޭނުން ކުރުމުގައި އިދާރީ ގޮތުން އަޅުގަނޑުމެން ތައްޔާރުވެފައިވާ މިންވަރު،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަނީ މޫސުމީ އަމާޒުތައް ނަތީޖާ ފެންނަނިވި ކުރިއެރުންތަކަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ސިޔާސީ ސާބިތުކަމަށް ގޮވާލައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް އެ ޤައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުދޭ ބައިނަލްއަޤުވާމީ ނިޒާމަކަށްވެސް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.

ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ. މި އަހަރު މި ސަމިޓް ކުރިއަށްދަނީ މި މަހު 10 އަކުން 14 އަށް ތުރުކީވިލާތުގެ އަންތާލިޔާގައެވެ.