ޢުމުރުން 65 އަހަރު ހަމަވާ ފަހުން ޕެންސަން ސްކީމުން ހައްޖައް ދެވޭ ގޮތައް ހެދިނަމަވެސް، މިހާރު ނަން ނޯޓުކޮށްގެން ހައްޖަށް ދެވޭނީ މީގެ 17 އަހަރު ފަހުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ވިދާޅުވީ މިހާރު ހައްޖަށް ދިޔުމުގެ ކިޔޫ ތަރުތީބުން ޖާގަ ލިބެނީ 2043 ވަނަ އަހަރަށްކަމަށެވެ.
މުއާޒު ވިދާޅުވީ ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް އަމަލުކުރަން ފަށާފައި ވީނަމެސް، އެ ބަދަލާ ގުޅިގެން ހައްޖު ކިޔޫއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިހާރުވެސް ހައްޖަށްދާ ޖާގަ ކަށަވަރުވާނީ، ފައިސާ ދައްކާ ތަރުތީބުން ކަމަށެވެ.
ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕެންޝަނާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގަވައިދު އެކުލަވާލައި އަމަލުކުރަން ފަށާފައިވާއިރު، އެ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 24،000އެއްހާ މީހުން ތިބި ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
މި ސްކީމްގެ ދަށުން ޖާގަ ރިޒާވްކުރުމަށް ޝަރުތު ހަމަވާނީ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓްގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުރެ، މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.
އެ އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭނަމަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެއެވެ. ނަމަވެސް، ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށެވެ.
މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ.