ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.
ޝާހިދުގެ ފަރާތުން މިދިޔަ ބުދަ ދުވަހު މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، މި މައްސަލަ ހައި ކޯޓަށް ބަލައި ގަތުމަށް ނިންމީ އިއްޔެއެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި މިދިޔަ ހަފްތާ ހޯމަ ދުވަހު ޝާހިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. ޖެހިގެން އައި ދުވަހު ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާހިދު 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ޝާހިދު އެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ހައްޔަރުކުރިމަށް ސޯޝަލް މީޑިޔާގައި އަޑުތައް ފެތުރުނެވެ. އެއާއެކު އޭނާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.