ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތް ކަމަށާއި މިސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނޭކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައިނުވާކަމަށެވެ. އަދި، އެފަދަ ޢަމަލުތަކަކީ ބަދަލުހިފުމުގެ ޢަމަލުތަކެއްކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމަށެވެ.

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫންކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވިކަމެއް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނޭކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުއްޖަކު ހިމެނޭ މިމައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީނަމަވެސް، ޤާނޫނުގެ ބާރު ހިނގާނޭކަމަށެވެ. އެގޮތުން، ޤާނޫނު ތަންފީޒުކުރުމުގައި، އެޢަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާއި މެދު ޑިއު ޕްރޮސެސް ހިންގޭނޭކަމަށާއި އެކަމަށް ދަޢުލަތުން ފުރުޞަތު ދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނޭކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި މިދިޔަ ހަފްތާ ހޯމަ ދުވަހު ޝާހިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.

ޝާހިދު އެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ހައްޔަރުކުރިމަށް ސޯޝަލް މީޑިޔާގައި އަޑުތައް ފެތުރުނެވެ. އެއާއެކު އޭނާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ކުރީގެ ރައީސްކަންވެސް ކޮށްފައިވާ ޝާހިދު ރޭ ހައްޔަރުކޮށްފައިވާއިރު އޭނާ ދަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުންނެވެ.