އެއްވެސް ޙާލަތެއްގައި، އިޒްރޭލު ޕާސްޕޯޓުގައި ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ހަދަން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ބިލަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ.

ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައިގައި، 7 އޮކްޓޯބަރު 2023 އަށްފަހު އިޒްރޭލުން ހިންގަންފެށި ޤަތުލްއާންމު ހުއްޓާލާ، ޙާލަތު ބަދަލުވަންދެން އެޤައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް އިމިގްރޭޝަން ގާނޫނަށް އަލުން އިސްލާހު ގެނަންނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށައަޅާފައިވާ ބިލުގައި އޮންނާނީ އެޙާލަތަށް ރިޢާޔަތް ނުކޮށް، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް ހިމަނާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލްތަކަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލެއްކަމަށަށެވެ. އެހެންކަމުން ރާއްޖޭގެ އިމުގެ ތެރެއަށް އެޤައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތްވުމަކީ ޤަބޫލުކުރާނެ ހަމައެއް ނޫންކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ސިޔާސަތާއި ސްޓޭންޑް ރާއްޖެއިން ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، އެކި ފަހަރުމަތިން ނަގަހައްޓާ، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އުފުލި އެކި ޤާނޫނީ ދަޢުވާތަކުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާނޭކަމަށެވެ. އަދި މިމައްސަލައިގައި، ރާއްޖޭގެ ސްޓޭންޑް މިހާތަނަށް ތަފާތުވެފައިނުވާ ކަމަށާއި، އެކަމަކީ ދިވެހި ރައްޔިތުންނަށް ހައްސާސް މައްސަލައެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.