މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ ޢަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު،މިދިޔަ މަހު ހުށަހެޅިއިރު، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އީސީ އިން ބުނީ 2024 ވަނަ އަހަރު އެ ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުނުކުރެވޭކަމަށެވެ.
މާލީ ހިސާބުތައް ނުބަލަހައްޓައިގެން އަދާލަތު ޕާޓީ ޖޫރިމަނާކުރި އިރު، މިދިޔަ ޖުލައި މަހު އެ ޕާޓީ ވަނީ މާލީ ބަޔާން ހުށަނާޅައިގެން ވެސް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުމަކީ ލާޒިމުކަމެކެވެ. އަދި އަހަރެއް ނިމުމުން، ހިނގަމުންދާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، އޭގެ ކުރީ އަހަރުގެ އަހަރީ ރިޕޯޓާ އެކު މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެ އެވެ.