ވައިޓް ހައުސްގެ އޯވަލް އޮފީހަށް މުސްތަޤްބަލުގައި އަންނަ ރައީސުންނަށް ވަކި ބަދަލުތަކެއް ގެނައުން ހުއްޓުވާނެ ޤަރާރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވައިފިއެވެ.
ކުރީގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއް ކަމަށްވާ ޓްރަމްޕް ވަނީ، އޭނާގެ ދެވަނަ ދައުރުގައި ރައީސްގެ ރަސްމީ އޮފީހުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރަނުގެ ގިނަ ފަރުމާތަކެއް އިތުރުކުރައްވާފައިވާ ކަމެވެ.
މި ޤަރާރު ނެރުއްވާފައި މިވަނީ، ވައިޓް ހައުސްގެ އީސްޓް ވިންގް އެއްކޮށް ޓްރަމްޕް ތަޅާލެއްވި ފަހުންނެވެ. މި މަޝްރޫޢަކީ އެމެރިކާގެ ކޮންގްރެސްއިން ވެސް ފާސްކޮށްފައިވާ މަޝްރޫޢެކެވެ. އެގޮތުން އެ ސަރަހައްދު "ބޯލްރޫމަކަށް" ބަދަލުކުރުމުގެ ޕްލޭނާއެކު ޢިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މިހާރު ވެސް އެމެރިކާގެ ރައީސުންނަށް ވައިޓް ހައުސްއަށް ބައެއް ބަދަލުތައް ގެނައުމުގެ ބާރު ލިބިދީފައިވެއެވެ. ނަމަވެސް ބޮޑެތި މަޝްރޫޢުތަކަށް ކޮންގްރެސްގެ ހުއްދަ ބޭނުންވެއެވެ.
ބުރާސްފަތި ދުވަހު ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ޤަރާރުގައި، އޯވަލް އޮފީހާއި އެތަނުގެ ވަށައިގެންވާ ބައެއް ކޮޓަރިތަކަކީ ޤައުމީ ބިނާއެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
އަދި މި ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޤަރާރުގެ ސަބަބުން "މި ބިނާ އަލުން ޒީނަތްތެރިކުރުމާއި، ފަރުނީޗަރު އިޚްތިޔާރުކުރުމާއި، ނުވަތަ މި ބިނާގެ ތާރީޚީ އޮނިގަނޑަށް ނުވަތަ އާކިޓެކްޗަރަލް ސިފައަށް ބޮޑު އުނިކަމެއް ނާންނަ ފަދަ އާދައިގެ ހިންގުމުގެ އަދި ސަލާމަތީ ބަދަލުތައް ގެނައުމަށް ރައީސަށް ލިބިދޭ ބާރު ހަނިނުކުރެވޭނެ" އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އޯވަލް އޮފީހަށް ބަދަލުތައް ގެންނެވުމުގެ ކުރިން، ވައިޓް ހައުސް އަދި އޯވަލް އޮފީސް އޮތީ މަރާމާތަށް ބޭނުންވެފައެވެ. އަދި އެތަން އޮތީ "ވަރަށް ބޮޑަށް ހަލާކުވެފައި" ކަމަށް އޭނާ ސިފަކުރެއްވިއެވެ.