ސޫރިޔާގެ ރައީސް އަޙްމަދު އައްޝަރަޢު އަދި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން 403 މިލިއަން ޑޮލަރުގެ ދިފާޢީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ހިމެނެނީ، ސޫރިޔާގެ ހަކަތައާއި، ބޯހިޔާވަހިކަމާއި، ޞިއްޙަތާއި އަދި އުމްރާނީ ތަރައްޤީގެ ދާއިރާތަކަށް ތަރައްްޤޫ ކުރުމެވެ.
ސޫރިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމް ކުރެވުނު "އެންމެ ފާހަގަކޮށްލެވޭ" އެއްބަސްވުމެވެ. ނަމަވެސް މި އެއްބަސްވުމުގެ ތަފްޞީލުތައް ހާމަކޮށްފައެއް ނުވެއެވެ.
މި ދިފާޢީ އެއްބަސްވުން ޤާއިމުކޮށްފައި މިވަނީ، ސައޫދީ އަރަބިއްޔާއާއި، ތުރުކީއާއި ޕާކިސްތާނުގެ މެދުގައި އޮންނަ ދޭދޭ ދިފާޢީ އިއްތިހާދާ ގުޅުމާމެދު ސޫރިޔާ ސަރުކާރުން ވިސްނަމުންދާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އަސްޢަދު އައްޝައިބާނީ ވިދާޅުވިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.
ޔަމަނުގައި ހޫޘީންނާ ދެކޮޅަށް އަލުން ފަށާފައިވާ ހަނގުރާމައިގައި، ދިފާޢީ އަދި ހަމަލާދިނުމުގެ އެހީތެރިކަން ހޯދުމަށް ސައޫދީ އަރަބިއްޔާއިން ވަނީ އެމެރިކާގެ އިތުރުން ވިލާތާއި މެދުއިރުމަތީގެ ޤައުމުތަކުގެ އެހީއަށް އެދިފައެވެ. ޔަމަނުގެ ކޮންޓްރޯލް ހޯދުމަށް ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ އެ ޤައުމުގެ ސަރުކާރަށް ތާޢީދުކުރާ ފައުޖުތަކާ ދެކޮޅަށް ހޫޘީން ހަނގުރާމަކުރަމުންދާއިރު، އެ ޖަމާޢަތުން ވަނީ ސައޫދީ އަރަބިއްޔާގެ ވައިގެ ބަނދަރުތަކަށާއި ތެލުގެ ވަސީލަތްތަކަށް ހަމަލާތައް ދީފައެވެ.