ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ ޝާހިދު ހައްޔަރުކޮށްފައިވާއިރު، ޝާހިދު 30 ދުވަހަށް ބަންދު ކުރަން ނިންމާފައިވަނީ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުނެވެ.
އެ އަމަރު މިހާތަނަށް ކޯޓުން އާންމުކޮށްފައި ނުވިނަމަވެސް، 30 ދުވަހުގެ މުއްދަތަކީ، ޝަރީއަތް ނިމެންދެން ބަންދުކުރުން ނަގާފައި އެއް ފަހަރާ ބަންދަށް ޖެހޭ އެންމެ ދިގު މުއްދަތެވެ. އަދި ކްރިމިނަލް ކޯޓުން އާންމު ގޮތެއްގައި ފުރަތަމަ ފަހަރަށް އެހާ ގިނަ ދުވަހަށް ބަންދުގެ މުއްދަތު ޖަހައި ދެނީ ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ހެކި ހުރުމާއި ކަމުގެ ސީރިއަސް ކަމުގެ މައްޗައް ރިޔާއަތް ކޮށްފައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 21:59 ގައި ކަމަށެވެ. ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ޝާހިދު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ. އެއަށްފަހު ރޭ އޭނާ ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ.
ޝާހިދު ރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ހައްޔަރުކުރިމަށް ސޯޝަލް މީޑިޔާގައި އަޑުތައް ފެތުރުނެވެ. އެއާއެކު އޭނާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ކުރީގެ ރައީސްކަންވެސް ކޮށްފައިވާ ޝާހިދު ރޭ ހައްޔަރުކޮށްފައިވާއިރު އޭނާ ދަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުންނެވެ.