ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން ގެނައި އާ ސްޓޮކް މާދަމާ ބޭނުންކުރަން ފަށާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭއިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި މިހާރު ދައުރުކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓުތައް ބާވެ، ހަލާކުވުމާ ގުޅިގެން ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ވަރަށް މަދުވެފައިވުމާ އެކު، އެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. އަދި މާދަމާ އެ ނޫޓް ދައުރުކުރުމަށް ނިންމާފައިވާކަމަށެވެ.

މިއަދު ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީސްގެ ފަސް ރުފިޔާ 2017 ގައި ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރުކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާ ނޫޓުތަކުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެކަމަށެވެ.

އެމްއެމްއޭ އިން ބުނީ ގަވަރުނަރު އަހުމަދު މުނައްވަރު ސޮއިކުރައްވާފައިވާ ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ "ޖުލައި 31، 2025، 6 ޞަފަރު 1447" ކަމަށެވެ. އަލަށް ގެނައި އެ ނޫޓާ އެކު މިހާރު ދައުރުވަމުން އަންނަ ފަސް ރުފިޔާގެ ނޫޓު ވެސް ބޭނުންކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ފަސް ރުފިޔާގެ ސްޓޮކް މަދުވެފައި ވަނީ ބާޒާރުކުރުމުގައި އާންމު ގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭ އިން ވަނީ ބާޒާރުގައި ދައުރުވާ ނޫޓް މަދުވުމާއި ގުޅިގެން މިދިޔަ އަހަރު ޖެނުއަރީ މަހު އާއި މި އަހަރުގެ ފެބްރުއަރީ މަހު 100ރ. ގެ އާ ސްޓޮކެއް ގެނެސްފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު 20ރ. ގެ އާ ސްޓޮކެއްވެސް ގެނެސްފައެވެ.